އިޒްރޭލުގެ އަމުރާ އެއްގޮތަށް ތެޔޮ ނުހިމެނޭހެން، މިއަދު އަނެއްކާވެސް އެހީގެ ގާފިލާއެއް ގާޒާއަށް ވަދެއްޖެއެވެ.
މިއަދު މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާށް ވަދެފައި ވަނީ ބާރަ ލޮރީގެ ތަކެއްޗެވެ. ރެޑް ކްރެސެންޓުގެ ފަލަސްތީނު ގޮފިން ބުނެފައިވާގޮތުގައި މިއަދު ލިބުނު ބާރަ ލޮރީގައި ހިމެނެނީ ކާނާއާއި ބޭހާއި ސިއްހީ އާލާތެވެ.
މި ގާފިލާއާއެކު، މިހާތަނަށް ޣައްޒާއަށް މިވަނީ 74 ލޮރީގެ އެހީ ލިބިފައެވެ.
މިހާތަނަށް 74 ލޮރީގެ އެހީ ލިބިފައިވީނަމަވެސް ތެޔޮ އެއްވެސް ވަރަކަށް ޣައްޒާއަށް ލިބިފައެއް ނުވެއެވެ. އިޒްރޭލުން ވަނީ ޣައްޒާއަށް ތެޔޮ އެތެރެ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ގަދަ ބަހުން ބުނެފައެވެ. ސަބަބަކީ ހަމާސް އިން އެ ތެޔޮ ބޭނުން ކުރާނެތީ ކަމަށްވެސް އިޒްރޭލުން ބުންޏެވެ.
ތެލަށް އަދިވެސް ފުރުސަތު ނުދޭން އިޒްރޭލުން ނިންމާފައިވާ މިދަނޑިވަޅުގައި ޣައްޒާއަށް އެންމެ ބޭނުން ޖެހިފައިވާ އެކައްޗަކީ ތެލެވެ.
ތެލާ ނުލައި ހޮސްޕިޓަލުތައް ނުހިންގޭނެ ކަމަށާއި އެހީ ބެހުމާއި ފެން ލިބުންވެސް ގުޅިފައިވަނީ ތެލާކަން އިންސާނީ އެހީދޭ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައަކަށް އަދި ދުނިޔެ ގޮވާލާ އެއްވެސް ގޮވާލުމަކަށް އިޒްރޭލު އިޖާބަ ދޭކަށް ގަސްދެއް ނުކުރެއެވެ.