ފުވައްމުލަކު ސިޓީއަށް ގެންދިއުމަށް، ގދ ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ވެލިބޭރު ކުރާތީ އެތައް ފަހަރެއްގެ މަތިން އެކަން ހުއްޓުވުމަށް ގޮވާލައި، ތަކުރާރުކޮށް ވެލި ނުގެންދިއުމަށް އެކިގޮތްގޮތަށް ބުނުމުންވެސް ވެލި ނަގައި ރަށުން ބޭރު ކުރުން ހުއްޓާލާފައި ނުވާތީ، މިއަދު ފަރެސްމާތޮޑާ ރައްޔިތުން ނުކުމެ ވެލި ނަގަމުން ދިޔަ މީހުން އެރަށުން ބޭރުކޮށްލައިފިއެވެ.

ފަރެސްމާތޮޑާ އިން ރިޕޯޓް ކުރަމުން، "ހަލި" ނޫހުގެ ފޮޓޯ ޖާނަލިސްޓް، މަރިޔަމް ޝަޒްލާ ބުނި ގޮތުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން ރައްޔިތުން ވަނީ ވެލި ނެގުމާ ދެކޮޅަށް އަޑުއުފުލައި ވެލި ނުނެގުމަށް އަންގާފައެވެ. ނަމަވެސް އޭގެ ފަހުންވެސް ވެލި ނަގަން ފެށުމކުން 14:00 ހާއިރު ފަރެސްމާތޮޑާ ރައްޔިތުން ވަނީ ލޯންޗެއްގައި އެސަރަހައްދަށް ގޮސް ވެލި ނެގުން ހުއްޓުވައި އެމީހުން ރަށުން ބޭރުކޮށްލާފައެވެ.

ޝަޒްލާ މައުލޫމާތު ދިން ގޮތުގައި ފުވައްމުލަކު ސިޓީއަށް ވެލިގެންދިއުމަށް ވެލި ނަގަން އައި މީހުން ރަށުން ފުރާފައި ވަނީ 15:45 ހާއިރެވެ.

ފަރެސްމާތޮޑާ ރައްޔިތުން ވެލިނެގުން ހުއްޓާލުމަށް ގޮވާލަން ދަނީ.....ފޮޓޯ: ޝަޒްލާ/ހަލިނޫސް

މީގެ ކުރިންވެސް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އެދާއިރާގެ އޭރުގެ މަޖިލިސް މެމްބަރު، މިހާރުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، މިއަހަރުގެ އޭޕްރީލް 24 ގައި ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ މަޖިލިހުން ބޭރުކޮށްލާފައެވެ.

ފުވައްމުލަކަށް ވެލި ގެންދިޔުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އީޕީއޭއިން ހުއްދަދީފައި ނުވާއިރު، މިގޮތަށް ވެލިގެންދިޔުމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމަކަށް ވުމުން ފަރެސްމާތޮޑާ ސަރަހައްދުން ކޮނެގެން ވެލިނަގާ ވެލި ބޭރުކުރުން ހުއްޓުވުމަށް އެރަށު ރައްޔިތުންވެސް އޭރުއްސުރެ އަދާ ހަމައަށްވެސް މިދަނީ ގޮވާލަމުންނެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީ ކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި، އެޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުން ކުރުން އެންމެ ރަނގަޅުކަމަށް އީޕީއޭއިން ވާނީ އަންގާފައެވެ.

ފަރެސްމާތޮޑާގެ ކައުންސިލްގެ ނައިބު ރައީސް ނަސްރު ވިދާޅުވި ގޮތުގައި އެގޮތަށް ވެލިގެންދާ ނަމަ މައްސަލައެއް ނުޖެހޭނެއެވެ. އެހެންނަމަވެސް އެގޮތަށް ވެލި ބާކީވެފައެއް ނެތެވެ. ނަމަވެސް އެފަދަ އެންގުމެއް އޮތުމާއެކުވެސް ފުވައްމުލަކު ބަނދަރު ތަރައްގީ ކުރުމަށް ފަރެސްމާތޮޑާގެ އަމިއްލަ ބޭނުންތައް ނުފުއްދިފައި އޮތްވައި މިގޮތަށް ވެލިބޭރުކުރުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ކަމެކެވެ.

ފަރެސްމާތޮޑާ ރައްޔިތުން، ވެލިނެގުން ހުއްޓާލުމަށް ގޮވާލައި ރަށުން ބޭރުވުމަށް އަންގަނީ.....ފޮޓޯ: ޝަޒްލާ/ހަލިނޫސް

ކައުންސިލް ނައިބު ވިދާޅުވީ ފަރެސްމާތޮޑާ ބޭނުންވެފައިވާ ކަންކަން ފުރިހަމަ ވުމަށްފަހު ފުވައްމުލަކަށް ވެލި ގެންދިއުން މައްސަލައެއް ނޫންކަމަށެވެ ނަމަވެސް ރަށުގެ ކަންތައް ފަހަށް ޖައްސާފައި ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްގީކުރުން އެއީ އެއްވެސް އިންސާފެއް ނެތް ކަމެއްކަމަށެވެ.

މިއަދު ވެލި ގެންދިއުމަށް ފުވައްމުލަކުން އައި ފަރާތްތަކާއެކު ފުލުހުންވެސް ހަރަކާތްތެރިވި ކަމަށްވެއެވެ.