ރޭފަތިހު 5:30 އެހައިކަންހާއިރު މަހަށް ނުކުތް އުމުރުން ދުވަސްވީ މީހަކު ވީގޮތެއް ނޭނގިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ މަހަށް ނުކުތީ އެކަނި ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ ކ. މާފުށީ ޝޭޑީގްރޯވް އަޙުމަދު އާދަމް މަނިކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކުރިން ވެސް އެކަނި މިގޮތަށް މަހަށް ގޮސް އުޅޭ މީހެކެވެ.

އޭނާ މަހަށް ނުކުތީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:08 ގައި ކަމަށެވެ.

މި މީހާއާއި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ވެލާނާ ލޯންޗާއި ސީ އެމްބިޔުލާންސުން ގެންދަނީ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އޭނާގެ ޚަބަރެއް ވެއްޖެނަމަށް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅައި މަޢުލޫމާތު ދިނުމަށް ވެސް އެމްއެންޑީއެފުން އެދިވަޑައިގެންފައި ވެއެވެ.

އެމީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ހިލަމެއް އަދި ލިބިފައެއް ނުވެއެވެ.