ސިނަމާލެ ބުރިޖު ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނެގުމަށްފަހު، އެހެން ދެ ރަށަކަށް ބަދަލުކޮށް ސޯލާ ޕަވާއިން ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކޮށްކަމަށާއި އޭގެ ސަބަބަކީ ސޯލާޕެނަލްތައް ހަރުކޮށްފައި ހުރުމުންކަން ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އިއާދަކުރަނިވި ހަމަކަތައަކީ މުހިންމު އަދި އިސްކަންދޭނެ ސިޔާސަތެއް ކަމަށާއި އެކަންކުރުމަށްވެސް ރަނގަޅު ގޮތް އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޔާދަކުރުވަނިވި ހަކަތަ އާއި ކްލައިމެޓް ޗޭންޖަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހަލި މަގުގައި "ދިގުރާސްތާ"ގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނެގުމަށްފަހު ރަށްރަށަށް އެތަކެތި ގެންގޮސް ސޯލާ ޕަވާއެއް ހިންގޭ ގޮތް ހެއްދެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްތުކުރަނީ އެ ދިގު ރާސްތާގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގަން. އެކަން ކުރާނީ ފަންޑުކުރި ފަރާތާ މަޝްވަރާ ކޮށްގެން. މެދު ސައިޒުގެ އެއް ރަށް ނޫނީ ދެ ރަށަކަށް އެއްކޮށް އެތަކެތި ގެންގޮސް ސޯލާ ޕަވާއަށް ބަދަލުކުރުމަށް،" މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ. ޑރ މުއިއްޒު ވިދާޅުވީ، އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތަށް، އޭގެ ބޭނުން ހިފާނެ ކަމަށެވެ.