އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިވެގެން ދިއުމުން އެންމެ ބޮޑަށް އުފާކުރައްވާ އެއް ބަޔަކީ ޔޫރަޕްގެ ގައުމުތަކުގެ ވެރިންނެވެ.

ރިޔާސީ އިންތިޚާބުން ޓްރަމްޕް ބަލިވަޑައިގަތުމުން، އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް މަރްހަބާ ވިދާޅުވާން ޔޫރަޕްގެ ގައުމުތަކުގެ ވެރިން އަވަސްވެވަޑައިގަތީވެސް އެހެންވެގެންނެވެ.

ޖޯ ބައިޑެން ރޭގައި ރައީސްކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ ވެރިން ގެންދަވަނީ ބައިޑެންއަށް މަރްހަބާ ވިދާޅުވެ، ތަފާތު ޝުއޫރުތައް ފާޅުކުރައްވަމުންނެވެ.

އަދި އެމެރިކާއާއި ޔޫރަޕްގެ ގުޅުން ކުރިންއޮތް ހާލަތަށް، ބައިޑެންގެ ވެރިކަމުގައި އަލުން އެނބުރި ދެވޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

އެމެރިކާގެ ރައީސްކަމާ 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަދުވަހު ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތްއިރު، ދުނިޔޭގެ މައްސަލަތަކުގައާއި، ވިޔަފާރިއާއި، އެނޫންވެސް ބޮޑެތި މައްސަލަތަކުގައި އެމެރިކާއަށް އެންމެބޮޑު ވާގިވެރިކަމެއް ދެމުންއައީ ޔޫރަޕްގެ އިއްތިހާދުންނެވެ. އީޔޫގެ މެމްބަރު ގައުމުތަކުންނެވެ.

ނަމަވެސް، ޓްރަމްޕް ވެރިކަމަށް ވަޑައިގެން އީޔޫއާއި އެމެރިކާ ދުރުކޮށް، އީޔޫއަށް މާބޮޑު މުހިންމުކަމެއް ނުދެއްވިއެވެ. ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތާހެދި ޓްރަމްޕް މަސައްކަތް ކުރެއްވީ ޔޫރަޕާ ނުލައެވެ. ނުވިތާކަށް، އިޔޫފަދަ އިއްތިހާދުތަކާއެކު އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ހަދާފައި ހުރި އެއްބަސްވުންތައްވެސް ޓްރަމްޕް އުވާލެއްވިއެވެ. ނޭޓޯފަދަ ޖަމާއަތްތަކަށް ޚަރަދުކުރުންވެސް ހުއްޓާލެއްވިއެވެ.

މިކަންކަމާހެދި ޔޫރަޕްގެ ވެރިން ތިއްބެވީ ޓްރަމްޕާ ވަރަށް ހިތްޕުޅާ ނުވެފައެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު، ވީޑިއޯއަކާއެކު އެންމެ ފުރަތަމަ މަރްހަބާގެ ޓްވީޓެއް ކުރެއްވީ، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާރލްސް މިޝެލްއެވެ. އަދި މިއީ ދެފަރާތް ގުޅިގެން ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލެޔެން ވިދާޅުވީ، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ބައިޑެން ދެއްކެވި ވާހަކަފުޅުތަކަކީ އުންމީދުން ފުރިގެންވާ ވާހަކަފުޅުތަކެއް ކަމަށާއި، އެމެރިކާއާއެކު އަލުން ފަށައިގަތުމަށް ޔޫރަޕް އޮތީ ތައްޔާރަށް ކަމަށެވެ.

ޔޫރަޕިއަން ޕާލމެންޓްގެ ރައީސް ޑޭވިޑް ސަސޯލީ ވިދާޅުވީ، ބައިޑެން ވައިޓްހައުސްއަށް ވެދެވަޑައިގަތުމާއެކު، ޓްރާންސްއެޓްލާންޓިކް ގުޅުންތަކުގެ މުޅިން އައު ސަފްހާތަކެއް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަހަރު ބްރަސަލްސްގައި ބާއްވާ އީޔޫއާއި، ނޭޓޯގެ ގައުމުތަކުގެ ވެރިންގެ ސަމިޓަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް އީޔޫއިން މިހާރުވެސްވަނީ ދައުވަތު އަރުވާފައެވެ.

އީޔޫގެ ވެރިންގެ އިތުރުން، ޔޫރަޕްގައި ހިމެނޭ ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކުގެ ވެރިންވެސްވަނީ ޖޯ ބައިޑެންއަށް މަރްހަބާ ވިދާޅުވެ، ގުޅުންތައް އަލުން ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުގައި އެމެރިކާގެ ލީޑަރޝިޕް ވަރަށް މުހިންމު ކަމަށްވެސް ބައެއް ވެރިން ވިދާޅުވެފައި ވެއެވެ.