އިމާރާތްކުރުމުގެ ސިނާއަތަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށާއި އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލު ވާ ވުޒާރާއެއް ކެބިނެޓުގައި ހިމެނިގެންދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގުޅިގެން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ސިނާއަތަކީ ކޮންސްޓްރަކްޝަން ސިނާއަތްކަމަށެވެ. އެހެންނަމަވެސް އެ ސިނާއަތަށް ދޭންވާ އަހަންމިއްޔަތުކަން ދީފައިނުވާ ކަމަށެވެ. އަދި މިހާރަށް ވުރެ ގިނަ ކަންކަން އެ ސިނާއަތަށް ކޮށްދެވެން އެބަހުރި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެެވެ. އަބަދުވެސް ކޮންމެވެސް އެހެން މިނިސްޓަރީއެއްގެ ތެރެއަށް ލެވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮންނަނީ ފޮރުވިފައި ކަމަށާއި އެހެންނަމަވެސް އެތޮށިން ބޭރަށް ނެރެ ވަކި ވުޒާރާއެއް ގާއިމު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ހިއްސާވާ ވުޒާރާއެއް ގާއިމްކުރުމުން ބޭރުގެ ގައުމުތަކުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމުގައި ވެސް ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމަށްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެމަނިކުފާނަށް ދެމުންދާ އެއްބާރުލުން ފާހަގަކުރަައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލުމުގެ އަޒުމުގައި މަސައްކަތްކުރައްވަމުންދާ ވާހަކައަށްވެސް ޑރ މުއިއްޒު ވަނީ ރޭގެ ރަސްމިއްޔާތުގައި އަލިއަޅުވާލައްވާފައެވެ.