އިއްޔެ ހަވީރު މާލޭސިޓީގައި އަންހެނުންތަކެއް އިސްނަގައިގެން ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ ހައްގުގައި "ފަަލަސްތީނާ އެކު ކަނބަލުން" ބޭއްވި ހިނގާލުމުން ފަލަސްތީނުގެ ހާލަތު ލޯމައްޗަށް ސިފަކޮށްދީ، ހިތްތަކަށް ތަސައްވުރު ކޮށްދިނެވެ. މި ތަފާތު ހިނގާލުމުން އަސަރުނުކުރާ ހިތެއް ނުހުންނާނެކަން ގައިމެވެ.

މިއީ ތަފާތު ގޮތަކަށް ބޭއްވި ހިނގާލުމެކެވެ. މިހިނގާލުމުން ފެނިގެން ދިޔައީ ހަމައެކަނި ދިދަތަކެއް ނޫނެވެ. އަދި ހަމައެކަނި ޕޯސްޓަރުތަކެއްވެސް ނޫނެވެ. ޕޯސްޓަރުތަކާއި ދިދަތަކާއި ބެނާތަކާއެކު ދެން ފެނުނީ އިންތިހާއަށް އަސަރު ކުރުވަނިވި ކަމެކެވެ. އެ ކަނބަލުންގެ އަތްދަޑިމަތީގައި ނިޔާވެފައިވާ ތުއްތުކުދިންގެ ގަބުރު ސިފަކޮށްދޭ ފަދައަކުން، މަންޒަރު ހިތަށް ތަސައްވުރު ކުރުވާފަދަ ގޮތަކަށް، ހުދުފޮތިން ކަފުންކޮށް ބަދެފައިވާ "ޑަމީ" ގަބުރުތަކެއް ބާއްވައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުން ފަލަސްތީނުގެ މައިންގެ ހިތްތައް ކުދިކުދިވެފައިވާނޭ ވަރު އިހުސާސްކޮށްދެެއެވެ.

މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި އަންހެންކަނބަލުންގެ އަތްދަޑިމަތީގައި ހުރި ޑަމީތަކުގައި ލޭ ހުރި މަންޒަރު ވެސް ފެނެއެވެ.

ޔަހޫދީންގެ އިންސާނިއްޔަތުކަމުގެ ޒައްރާއެއްވެސް ނެތް އަނިޔާވެރިކަމުގައި، ފަލަސްތީނުގެ މައިންނާއި ބަފައިންގެ ލޯކުރިމަތީ އެމީހުންގެ ޅަދަރިންތައް ދުނިޔެ ދޫކޮށް ދާ ހިނދު ކުރާނެ އަސަރަކީ ބަޔާންކޮށްދެވޭނެ އިހުސާސްތަކެއް ނޫނެވެ. އިއްޔެ ހަވީރު ދިވެހި އަންހެންކަނބަލުންތަކެއް މިވަނީ އެ އަނިޔާގައި މަރުވާ ކުޑަކުދިންގެ ހައްގުގައި އަޑު އުފުލާފައެވެ.

"އިހްސާސް ކުރެވެއޭ ބުންޏަސް ނުކުރެވޭނެ ދެއްތޯ، ކޮންމެ ދުވަހަކު ކިތައް މައުސޫމު ފުރާނަތޯ އެ ނަގާލަނީ، އެމަންޒަރު ފެނުމުން ހިތްފަޅަފަޅައިގެން ދާހާ ވޭ، އަޅުގަނޑުމެންނަށް ވާނެ ކަމެއް ނަމަ، ސަލާމަތުން ތިބި މާދަމާވެސް ހަމަލައަކުން ފުރާނަ އުދުއްސާލެވުމުގެ ކުރިން އެ ތުއްތު ކުދިންތައް ގެނެސް އަޅުގަނޑުމެންގެ ދަރިންގެ ގޮތުގައި ބަލައިބޮޑުކުރާނަން، މިއީ ވާނެ ކަމެއްތޯ ބަލައި މިވާހަކަ ދެއްކިން، އެކަމަކު "ޕޮސިބްލް" ނޫންކަމެއް ނުވާނެ ދެއްތޯ. އަޅުގަނޑުމެން ނުކުތީ އެކުދިންގެ ހައްގުގައި، ކުޑަކުދިންނާ ދެކޮޅަށް ދެމުންދާ ހަމަލަތައް ހުއްޓާލުމަށް ގޮވާލުމަށް، އެ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ނުކުތީ،" އިއްޔެގެ ހިނގާލުމުގައި ބައިވެރިވި އަންހެނަކު ކިޔައިދިނެވެ.

"އަޅުގަނޑުމެން މިތިބީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަން ދައްކާލަން ނުކުތީ، ކުޑަކުޑަކުދިންނަށް އަނިޔާވެ، ޒަހަމްވެފައި ތިބޭއިރުވެސް އެކުދިންގެ ލޮލުން ކަރުނަ ތިއްކެއްވެސް ނާންނަ މަންޒަރު ފެނުމުން އެކުދިންނަށް ޝޮކްލިބިފައިވާ ވަރު އެނގޭ، ދެން ފެންނަނީ މަރުވާތަން. ހިތަށް ވަރަށް އަސަރުކުރޭ، މިހާރު ފަލަސްތީނު އެއްޗެހި ބެލީމަ ފާޑަކަށް އުނދަގޫވެ ހާސްވާ ގޮތްވެސް ވޭ، އަމުދުން ކުޑަކުދިންނަށް އެހަދާލާ ގޮތްގޮތް، ރަހުމުގެ ކަންފުޅެއްވެސް ނުހުރޭ، އެމީހުންގެ ދަރިން، އަމިއްލަ ދަރިން ނޫނިއްޔާ އާއިލާގައިވެސް ދަރިން ނުތިބޭބާވައޭ ވެސް ވަރަށް ހިތަށްއަރާ،" އެހެން އަންހެނަކު ބުންޏެވެ.

"ފަލަސްތީނުގެ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލަން ނުކުތީ، މިގޮތަށް ކުޑަކުދިން ރަމްޒުކޮށް، އެގޮތަށް އަޑުއުފުލައި ހިނގާލުމުން ވަރަށް ހިތްހަމަޖެހުނު، އަޅުގަނޑުމެނަށް ކުރެވެން އޮތްވަރަކުން ފަލަސްތީނަށްޓަކައި ކަންކަން ކުރަމުން މިދަނީ،" ހިނގާލުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

ކޮންމެއަކަސް މި ތަފާތު ހިނގާލުމަށް ސޯޝަލްމީޑިޔާގައިވެސް ދަނީ ތައުރީފު އޮހެމުންނެވެ.

އިސްރާ އެސޯސިއޭޝަން އަކީ ކޮބާ؟ އިއްޔެ ކުރިއަށް ދިޔަ ހަރަކާތް ރޭވުމުގައި "އިސްރާ" އާއެކު ބައިވެރިވީ ކޮންކޮން ބައެއް؟

"އިސްރާ އެސޯސިއޭޝަން" އަކީ ފަލަސްތީނަށް އެހީވުމަށް ދިވެހިން ކުރާ މަސައްކަތްތަކަށް އިސްނަގާ ޖަމިއްޔާއެކެވެ. މިއީ ފަލަސްތީނަށްޓަކައި އަޑުއުފުލުމަށް އިސްނަގާ ޖަމިއްޔާއެކެެވެ.

އިސްރާ އެސޯސިއޭޝަނުން އިން އިސްނެގި މިހަރަކާތް ރޭވުމުަގއި އިސްރާއާއެކުގައި އެހެން ހަތަރު ޖަމިއްޔާތަކަަކުން ވަނީ ބައިވެރިވެފައެވެ. އިސްރާއިން އިސްނެގުމަކަށް ކުރިއަށްދިޔަ މި ހިނގާލުމަށް އެހީތެރިވި އަނެއް ހަތަރު ޖަމިއްޔާއާއެކު، މި ހިނގާލުމަށް ވަނީ ވަރަށް ދުރާލާ ތައްޔާރުވެސް ވެފައެވެ.

މި ހިނގާލުން ރާވައި ހިންގުމުގައި ހަރަކާތްތެރިވީ، އިސްރާ އެސޯސިއޭޝަންގެ ފަރާތުން މަރިޔަމް ޖަަލީލް އާއި އައިޝަތު ޝާދިޔާގެ އަދި މަހަލްދީބް ޖަމިއްޔާގެ ފަރާތުން އައިޝަތު އަޒްމާ، ކޭކުޑޯނާސް އިން އައިޝާ ޝެރިން، ރައިޓްސް މޫވްމަންޓުން ނަފްހަތު މަޖީދު އަދި މަމްސް އެންޖީއޯ އިން ފާތުމަތު ރިޔާސާއެވެ.

"މިހިނގާލުމަކީ ފަލަސްތީނުގައި އަނިޔާލިބެމުންދާ އަހުންންނާއި އުހުތުންގެ ހައްގުގައި ހާއްސަކޮށް އަންހެނުންގެ ހައްގުގައި ވަކާލާތުކުރުމަށް ބާއްވާ ހިނގާލުމެއް، އަޅުގަނޑުމެންނަށް ފެނިގެން އެ ދަނީ މާބަނޑު އަންހެނުން ވެސް ބަނޑަށް ދަރިފުޅު މަރުވެގެންދާ މަންޒަރު. އެތައް މައެއްގެ ދަރިން އެ މައިންގެ ކުރިމަތީ މަރަމުން އެ ދަނީ. އެއީ ބަލަން ފަސޭހަވާނެ މަންޒަރެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެ މީހުންނާ އެކު އަޅުގަނޑުމެން ވެސް އެބަ ތިބިކަން ދައްކާލުމަށްޓަކައި،" ހިނގާލުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިންވަގުތު އިސްރާ އެސޯސިއޭޝަންގެ އައިޝަތު ޝާދިޔާއަށް ވާހަކަ ނުދެއްކި ރޮވުނީ ބޭއިހްތިޔާރުގައެވެ.

ޝާދިޔާ ބުނި ގޮތުގައި މިއީ ކުރެވެން އޮތް ގޮތަކަށް ކުރަންވީ ޖިހާދެކެވެ. އެގޮތުން ސޯޝަލްމީޑިޔާ މެދުވެރިކޮށް މިކަން ކުރެވެން އެބައޮތެވެ. ފަލަސްތީނުގެ އަންހެނުންނަށް ލިބޭ އެއަނިޔާތަކާ ދެކޮޅަށް އަޑުއުފުލައިގެން، މިގައުމު ކިތަންމެ ކުޑަޔަސް އިޒްރޭލަށް، ޔޫއެންއަށް އަޑު ފޯރުވަން ޖެހޭކަމަށް ވެސް ޝާދިޔާ ވަނީ އެދުވަހު ބުނެފައެވެ.

އުންމަތަށްޓަކައި މި ހިނގާލުމުގައި ބައިވެރިވުމަށް މި ކަނބަލުން އެރުވި ދައުވަތަށް މާލެސިިޓީން އެތައް ކަނބަލުންނެއް ވަނީ ނުކުމެ އިއްޔެގެ ހިނގާލުމުގައި ބައިވެރިވެފައެވެ.

އިއްޔެގެ މި ހަރަކާތް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ މިވަގުތު ފަލަސްތީނުގައި އެންމެ ހާލުގައި އަދި އެންމެ އަނިޔާ ލިބެމުންދާ ބަޔަކީ އެމީހުންނަށްވާތީއެވެ. އެއްވުމުގައި ކަނބަލުން ބުނީ ހަނގުރާމައެއް ކަމަށް ބުނެ ބޮން އަޅަމުންދަނީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކަމަށެވެ. އަދި ހިނގާލުން ކުރިއަށް ދިޔަ ވަގުތު ސައުންޑު ސިސްޓަމުން ފަލަސްތީނާ ބެހޭ މައުލޫމާތުތައް ކިޔައިދެމުން ދިޔައެވެ. މިއީވެސް މި ހިނގާލުން ތަފާތުވި އެއް ސަބަބެވެ. އެ ހަރަކާތް ނިންމާލާފައި ވަނީ އަނިޔާވެރިންގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް އެދި ކުރި ދުއާއަކާ އެކުގައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެ އެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.