ޖުމްހޫރީވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޖުމްހުރީ ނިޒާމް މިއަދާ ހަމައަށް ގެނެސްދެއްވުމަށް މަސައްކަތްކުރެއްވި ހުރިހާ ރައީސުންނާއި ކެބުނެޓުތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ. އޭގެ އިތުރުން ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުނާއި ގައުމާއި ޖުމްހޫރީ ވެރިކަން މިހިސާބަށް ގެނައުމަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު ދަންނަނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ. އެހެންވީމާ މިގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔަތެއް ގާއިމްވި ދުވަހެވެ. ފުރަތަމަ ހުމްހޫރީ ވެރިކަމެއް ރާއްޖޭގައި އުފެދުނީ 1953 ވަނައަހަރު ޖެނުއަރީ އެކެއްގައެވެ. ފުރަތަމަ ޖުމްހޫރިިއްޔާގެ ރައީސަކަށް ވެވަޑައިގެންނެވީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެ ޖުމްހޫރިއްޔާ ދެމިއޮތީ ހަތް މަހާއި ދުވަސްކޮޅަކަށެވެ.