މިފެށޭ ރިޔާސީ ދައުރުގައި ސަރުކާރުގެ ސިޔާސީ މަގާމުތައް ހަތްސަތޭކައަށްވުރެ ގިނަ ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ މިވަގުތު ޓީވީއެމް އިން މިވަގުތު ކުރިއަށްދާ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުންނާ ބެހޭ ގޮތުން އަލިއަޅުވާލެެއްވުމާއި މިނިސްޓަރީތަކާއި މަގާމުތަކާއި މިނިސްޓަރީތަަކަށް އިތުރުވާ މަގާމުތަކާއި މުވައްޒަފުންނާ ބެހޭ ގޮތުން ހާމަކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހަތްސަތޭކައަށްވުރެ ސިޔާސީ މަގާމުތައް ގިނަނުވާނެކަމަށެވެ.

"މުޅިސަރުކާރުގެ ސިޔާސީ މަގާމުތައް މަދުވާނެ 700ސިޔާސީ މަގާމަށްވުރެ ގިނަނުކޮށް 5 އަހަރު ނިންމާނީ އިރާދަކުރެއްވިއްޔާ،" ޑރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓްރީތައް ހިންގުމަށް، މިހާރު މިބޭނުންކުރާ އިމާރާތްތަކަށް ވުރެ އިތުރަކަށް ކުއްޔަށް އެއްވެސް ތަނެއް ސަރުކާރުން ފައިސާ ހަރަދުކޮށްގެން ނުނަންގަވާނެކަމަށްވެސް އިންތިހާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ތެރޭގައި ކުރިއަށްދާ ހުރިހާ ކަމަކީ ސާފުދެފުށް ފެންނަ ގޮތަށް ކުރިއަށްދާ ކަންކަމަށްވުން ކަމަށެވެ. އެހެންކަމުން އެއްވެސް ކަމެއް ދެފުށް ނުފެންނަ ގޮތަކަށް ވާން އެމަނިކުފާނުގެ ހުއްދައެއް ނޯންނާނެކަން ވަނީ ހާމަކުރައްވާފައެވެ.