އިންޑިއާ ސިފައިން ވެސް އަދި އެހެން ގައުމެއްގެ ސިފައިން ވެސް ރާއްޖޭގައި ތިބުމަށް އެއްވެސް ދިވެއްސަކު ނޭދޭ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކަމަށް ދިވެހީން ނޭދެނީ ކޮންމެހެން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއިން މިއަދު ގެނެސްދިން 'ދިވެހީންގެ ރާއްޖެ' ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ އިންޑިޔާ އަކީ ގާތުގައި އޮތް އަބަދު އެބައެއްގެ ވާހަކަ އިވި ދެކެވޭ ގައުމު ކަމަށެވެ. އެހެންވީމާ އިންޑިޔާ ސިފައިންގެ ނަން ގަދައަށް އިވުނަސް އެހެން ގައުމެއްގެ ސިފައިންވެސް މި ދިވެހިބިމުގައި ތިބޭކަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ. މިގައުމުގެ ހާރިޖީ ކަންކަމުގައި ބޭރު ސިފައިން ތިބުމަކީ ދިވެހިން ރުހޭ ކަމެއް ނޫންކަން ހާމަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްތައް ކުރާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށެވެ. އަދި އެކަމަށް މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީވެސް ބޮޑަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން، މަގުމަތިން ހާސިލްކުރެވޭނެ ކަމެއް ނޫން މިއީކީއެއް،" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުން ބޭނުންވާކަން މި އަހަރުގެ ރިޔާސީ އިންތިހާބުން ދައްކައިދީފި ކަމަށް މީގެ ކުރިން ވިދާޅުވި ވާހަކަ އެމަނިކުފާނު މިއަދު ވެސް ތަކުރާރުކުރެއްްވި އެވެ. އިންތިގާލީ މަރުހަލާގައިވެސް އިންޑިއާ ސަފީރާ ބައްދަލުކޮށް އެ ވާހަކަތައް ދެކެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފާއިތުވި ދުވަސްތަކުގައި ކުރެއްވި މަސައްކަތްޕުން އެކަން ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ވެސް ޑރ. މުއިއްޒު މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އެހެން ހުރިހާ ގައުމަކުން ވެސް ބޭނުންވާނީ ރާއްޖެ އަކީ ޑިމޮކްރަސީ އަށް ލޯބިކުރާ، ސުލްހަ އަށް ލޯބިކުރާ، ތަރައްގީއަށް ލޯބިކުރާ، ތަރައްގީވަމުން އަންނަ އަދި ތަރައްގީ ހާސިލްކުރާ ގައުމަކަށް ވާން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލަކީ އެންމެ އިސްކަމެއް ދީގެން ހާމަކުރާނެ މައުލޫމާތުތައް ކަމުގައި ވެސް ޑރ. މުއިއްޒު، ވަނީ ރިޔާސީ ކެމްޕޭނުގައިވެސް ވިދާޅުވެފައެވެ.