ޔުނިސެފުން ހިމަބިއްސާއި އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެކްސިން ހަވާލުކޮށްދެއްވީ ރާއްޖޭގެ ޔުނިސެފް ރިޕްރެސެންޓޭޓިވް ޑރ. އެޑްވާޑް އެޑައިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީގެ ފަރާތުން އެ ވެކްސިނާ ހަވާލުުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރާއްޖެ އަށް ހަދިޔާކުރީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 136,000 ޑޯޒެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައި މި ބަލި ވަނީ ރާއްޖެއިން ފެނިފައެވެ. އެ އައުޓްބްރޭކާއެކު، އަލުން ވެކްސިން ކެމްޕެއިން ފެށި ނަމަވެސް، މެދުކަނޑައިލަން ޖެހުނީ، ކޮވިޑް-19ގެ އައުޓްބްރޭކަށް ފަހުގައެވެ.
އަދި މިއަހަރު ތެރޭގައިވެސް ރާއްޖެއިން ހިމިބިހީގެ 3 ކޭސްއެއް ވަނީ ފެނިފަވެއެވެ.