އުތުރާއި މެދުރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާ ކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 3:15 ހަަމައަށެވެ.

މެޓުން މީގެއިތުރަށް ބުނެފައިވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިއެނބުރި އާންމުގޮތެއްގައި މަޑުން އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.