ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތު ވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފި އެވެ.
މުދާ ހިފަހައްޓާފައި ވަނީ ހުޅުމާލެ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި އަގު ބޮޑު ގަހަނާ އާއި ބްރޭންޑެޑް އަތް ދަބަހާއި އަންނައުނުގެ އިތުރުން ހުޅުމާލޭގައި ހަދާފައިވާ ލަގްޒަރީ އެ ޕާޓްމަންޓް ކޮމްޕްލެކްސްއެފްޑަބްލިޔު ރެސިޑެންސް އިން ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް ވެސް ހިމެނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މަމްދޫހު ބޭންކަށް ދޮގު މައުލޫމާތު ދީގެން ހުޅުވި އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާތަކަކީ ކޭ ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓް އޮޅުވާލައިގެން އެތައް ބަޔަކަށް ވިއްކާ ލިބުނު ފައިސާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި، އެ އެކައުންޓަކަށް ފައިސާ ޖަމާކޮށް އެ ފައިސާ އިން ގަނެފައިވާ މުދާތަކަކަށް ވާތީ މުދާތައް ހިފެހެއްޓިކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިމަހު 18 ވަނަ ދުވަހު ކޭޕާކް މަންޑޭގެ ގެ ބަލައި ފާސްކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި އެ ގެ ބަލައި ފާސްކުރުމަށްފަހު ކޭޕާކް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ފުލުހުން ތަހުގީގުކުރަމުން ކޭ ޕާކް ރެޑިޑެންސްގެ މައްސަލައިގައި މީގެކުރިން ދެ ފަހަރެއްގެ މަތިން މަންޑޭ ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
މަންޑޭގެ ޕާސްޕޯޓު ހިފެހެއްޓީ ކޭ ޕާކް ރެޒިޑެންސް ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގުކުރާތީއެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހުއެވެ. އެއީ ފަސް ޕަސެންޓް ހިއްސާއެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުން ކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެއެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.