ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްދާނެގޮތުގެ ތަފްސީލުތައް، އެ ކައުންސިލުން މީޑިއާއާ ހިއްސާކުރައްވައިފިއެވެ.

މި ތަފްސީލުތައް ހިއްސާކުރެއްވީ، ރައީސް އޮފީހުގައި މިކަމަށްޓަކައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ އަލަށް އެކުލަވާލެއްވި ކައުންސިލެކެވެ. މި ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒެވެ. ކޯޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ އަމްދަނީއަކީ ގާތްގަޑަކަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުކަމުގައި ވިދާޅުވެ، އެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ މި ސަރުކާރުން ކުރު ރާސްތާއެއްގައި ހާސީލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ހާސިލުކުރުމުގައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތުކޮށް ކުޅިވަރު، ސަގާފަތް، ތައުލީމީ، އަދި ސިއްހީ ދާއިރާފަދަ ފަތުރުވެރިކަމަށް ފުރުސަތުތައްހުރި ބައެއް ދާއިރާތައް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިގްތިސާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވިޒިޓަރ އިކޮނޮމިކް ކައުންސިލުން ޖަވާބުދެއްވިއެވެ.