ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުގެ އިމާރާތް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތައް ހިންގުމަށް ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި އިމާރާތް އައިޔޫއެމްގެ ކޯސްތައް ހިންގުމަށް އެ ޔުނިވަރސިޓީގައި ހަވާލުކޮށްފައިވަނީ, އައިޔޫއެމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މަރުކަޒު ހަވާލުކޮށްފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗައިސް ޗާންސެލަރު އަލީ ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ, މިއަދު ސޮއި ކުރެވުނު އެއްބަސްވުމާއެކު ތިނަދޫގައި އައިޔޫއެމްގެ އަމިއްލަ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އައިއޫއެމްގެ މަރުކަޒެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ އެތަނަކީ އިސްލާމީ ރިސާލަތު ދިރުވާ ތަނެއް ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ, މި ސަރުކާރުން އައިޔޫއެމްއާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި, އެތަން ތަރައްޤީ ކުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ އައިޔޫއެމްއިން ބޭރުގެ ފަރާތްތައް ކިޔަވާ ދުވަހެއް އަންނަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމަކީ ނުުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ގދ. ތިނަދޫގައި ތަރައްގީ ކުރި މާލޭ އިސްލާމީ މަރުކަޒާއި އެއްވިސްނުމެއްގައި ފަރުމާކޮށްފައިވާ މަރުކަޒެކެވެ. 60 ހާސް އަކަފޫޓު ބިމެއްގައި އެ މަރުކަޒު އަޅާފައިވަނީ މިސްކިތުގެ މަލަމަތި ރީތިވާގޮތަށް ތިނަދޫ ހުޅަނގު ފަރާތުގައެވެ.

އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ އެއްފަހަރާ ސަތާރަސަތޭކަ މީހުންނަށް ނަމާދުކުރެވޭގޮތަށެވެ.

ދެ ފަންގިފިލާއަށް ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ. މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ.

އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުރެއެވެ.

ގ.ދ ތިނަދޫ އިސްލާމީ މަރުކަޒަކީ ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.