އެއްވެސް ބާވަތެއްގެ ހަތިޔާރެއް އިޒްރޭލުގެ އިސްތިއުމާރީ ދައުލަތަށް އެކްސްޕޯޓް ނުކުރުމަށް ސައޫދީ އަރަބިއްޔާ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައިފި އެވެ.
ސައުދީއަރަބިއްޔާއިން މިގޮތަށް ގޮވާލައްވާފައިވަނީ ބްރިކްސްގެ ހާއްސަ މަހާސިންތާގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ. މިމަހާސިންތާގައި ސައޫދީ ބޮޑުވަޒީރު އަދި ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިޒްރޭލާ އެކުގައި އަސްކަރީ ވިޔަފާރި ކުރުން ހުއްޓައިލަންޖެހޭ ކަމަށެވެ.
ބްރިކްސް އަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ފަސް ގައުމު ގުޅިގެން އުފައްދާފައި އޮންނަ ޖަމިއްޔާއެކެވެ. ބްރިކްސްގައި ހިމެނެނީ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.
އިއްޔެ ބޭއްވި އޮންލައިން މަހާސިންތާއަކީ މިނިމުނު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ ހަނގުރާމައާ ބެހޭ ގޮތުން ބަހުސްކުރުމަށް ބޭއްވި މަހާސިންތާއެކެވެ.
މި މަހާސިންތާގައި، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ އުދުވާންތައް ވަގުތުން ހުއްޓައިލަންޖެހޭ ކަމަށް އަމީރް މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ޣައްޒާގައި އިޒްރޭލު ސިފައިން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި، އެ އަމަލުތައް ސައޫދީން ކުށްވެރިކުރާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ނެރެ ފައްސައިލުމަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ބާރުގެ ބޭނުންކޮށްގެން އެކުރާ ލާއިންސާނީ އަނިޔާވެރިކަމަކީ އަދި ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ވިއްސިވިހާލިކޮށްލުމަކީ އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.އަދި މިހާރު ކުރަމުންދާ ހަނގުރާމަ ފެށުމާއެކު، އެކަން ހުއްޓުވުމަށް ސައޫދީ އަރަބިއްޔާ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ވަލީ އަހުދު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަގު ފަހިކޮށްދޭ ސުލްހައިގެ ވާހަކަތައް ފެށުމަށް ގޮވާލައްވައިފަ އެވެ.
އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުން މަނާކުރުމަށް އަމީރު މުހައްމަދު ގޮވައިލެއްވި އިރު، ސައޫދީ އަރަބިއްޔާ އިން އަންނަނީ އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 14000 އަށް ވުރެ މީހުން ޝަހީދުވެފައިވާއިރު 31500 އަށް ވުރެގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި 6000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.