އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ލަމްހާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކުގައެވެ. އެގޮތުން މިއަދު އޮތް އަޑުއެހުމުގައި، މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށް، ތިން މަސްދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ލަމްހާގެ މައްޗަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.

  • މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ދައުވާ
  • ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ
  • އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ

އޭގެތެރެއިން، މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލައިގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ.

އެ ކުއްޖާއަކީ މޭރީއާއި އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.