އިސްރާއީލުގައި އެމްބަސީ ހުޅުވަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކެބިނެޓުން ހުއްދަ ދީފިއެވެ.

ކެބިނެޓުން ހުއްދަދިނީ އިސްރާއީލުގެ ތެލް އަވީވްގައި އެމްބަސީ ހުޅުވުމަށެވެ. އެކަމަކު، އިސްރާއީލުން އެމީހުންގެ ވެރިރަށުގެގޮތުގައި ދެކެނީ ގުދުސްއެވެ.

އިސްރާއީލުން ގުދުސް އެމީހުންގެ ވެރިރަށަށް ހެދި ނަމަވެސް، ބައިނަލްއަގްވާމީ މުޖުތަމައު އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދާއިރު، ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހެދުމަށެވެ.

އެމެރިކާއާއި، ދެކުނު އެމެރިކާގެ ދެތިން ގައުމެއް ފިޔަވައި، އިސްރާއީލުގައި ހުންނަ ދުނިޔޭގެ ގިނަ ގައުމުތަކުގެ އެމްބަސީތައް ހުންނަނީ ތެލް އަވީވްގައެވެ.

އެމެރިކާއިން ގުދުސްގައި އެމްބަސީ ހުޅުވި ނަމަވެސް، އަދި އިސްރާއީލުން އަންގައިގެންވެސް ދުނިޔޭގެ ގައުމުތަކުން އެމްބަސީތައް ގުދުސްއަށް ބަދަލުކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ވެރިކަމާ އިހަށްދުވަހު ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެން ނިންމަވާފައިވަނީ، ގުދުސްގައި ހުރި އެމެރިކާ އެމްބަސީ އަލުން ތެލް އަވީވަށް ބަދަލު ނުކުރުމަށް ކަމަށް ވެއެވެ. އޭގެ ބަދަލުގައި ބައިޑެން ނިންމަވާފައިވަނީ ފަލަސްތީނުގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށެވެ.

ތެލް އަވީވްގައި އެމްބަސީ ހުޅުވަން ޔޫއޭއީގެ ކެބިނެޓުން ހުއްދަދިން ހަބަރު ޔޫއޭއީގެ މީޑިއާއިން ރިޕޯޓްކޮށްފައި ވީނަމަވެސް، އެކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށް އާދައިގެ ގުޅުމަކަށް ދިއުމަށް ޔޫއޭއީން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.

އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ޔޫއޭއީން ނިންމިފަހުން، ބަހްރެއިން، ސޫދާން އަދި މޮރޮކޯއިންވެސްވަނީ އިސްރާއީލާ ގުޅުން ގާއިމްކުރަން ނިންމާފައެވެ.

މި ގައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ގާއިމްކުރަން މި ނިންމީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2020 ވަނަ އަހަރު އެ ގައުމުތަކާ ހެދި ޑީލްތަކެއްގެ ނަތީޖާއެއްގެގޮތުންނެވެ.