ބޭންކް އޮފް މޯލްޑިވްސް ގެ އެހީގައި ޤައުމީ ކުތުބްޚާނާއަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.
ގައުމީ ކުތުބުހާނާއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމު ކުރުމާއި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީ ކުރުމާއި ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.
ކުތުބުހާނާގައި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުމާއި ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން ހިމެނޭ ކަމަށް ބީއެމްއެލްއިން ވަނީބުނެފައެވެ. ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބަހައްޓާނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބަޔަކާއި ސައިލެންޓް ރީޑިން ރޫމާއި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރިއެއް ވެސް އެތަނުގައި ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑު ކޮށްފައިވާއިރު ލައިބްރަރީގެ އިނގިރޭސި ފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.
ގައުމީ ކުތުބުހާނާ އަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ވަނީ ކުތުބުހާނާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.