ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނިލަންދޫ، ފިނިފެންމާގެ، ޝާހިލް އަލީ އެއްވެސް ވަރަކަށް ދިފާއީ ވަކީލުންނަށް އެއްބާރުލުން ނުދޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޯގަސްޓު 6، 2022 ގައި ޝިއާއު މަރާލާފައި ވަނީ ޝާހިލް ކަމަށް ތުހުމަތުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ސިއްރު ކޮށްގެން ހިންގާ މި މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތާ ވަރަށް ދުވަސް ވެއްޖެއެވެ.

ޕީޖީ ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައިގެ ތަފްސީލެއް އެހުމުން ވިދާޅުވީ އޭނާއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލުންނާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ކަމަށާއި ދައުލަތުގެ ފަރާތުން މިހާރު ތިން ވަކީލުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަކީލުން އޭނައާ ބައްދަލުކުރަން ޖަލަށް ދިޔައީމަ ވާހަކައެއް ވެސް ނުދައްކާ. އަޅުގަނޑަކަށް ނޭނގެ ދެން ކިހިނެއްވާ ކަމެއް ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝާހިލް އެއްބާރުލުން ނުދޭތީ އޭނާއަށް ދެން ވަކީލަކު އައްޔަނު ނުކޮށްދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އޭނާއަށް ދައުލަތުން އައްޔަނުކޮށްދޭ ވަކީލުން ތަނާޒުލް ވަނީ އެއްބާރުލުން ނުދޭތީ އެވެ. މީގެ ކުރިން ތަހުގީގުގައި ވެސް އޭނާ އެއްވެސް ވަރަކަށް އަނގައިން ނުބުނާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.

ޝިއާއުގެ މަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ފެނުނު އެންމެ އަނިޔާވެރި މަރެވެ. ޝާހިލް ހައްޔަރުކުރީ ބޮލާއި ހަތަރެސްފައި ބުރިކޮށްލުމަށްފަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނު ކްރައިމް ސީން އިންނެވެ. ނަމަވެސް މިހާތަނަށް އޭނާ ކުށަށް އިއުތިރާފެއް ނުވެއެވެ. ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.