އައްޑޫގައި ސިޓީގައި އަނެއްކާވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިއީ ގްރޫޕް މާރާމާރީއެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަމަށެވެ.

މި ޒުވާނާއަށް ހަމަލާދީފައިވަނީ އޭނާގެ ގޭގެ ސިޓިން ރޫމްގައި ހުއްޓާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ހަމަލާދީފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނަކަށެވެ. ހަމަލާ ދީފައިވަނީ އޭނާގެ ބޮލަށާއި ބަނޑަށާއި އަތަށް ކަމަށް މައުލުމާވަނީ ލިބިފައެވެ. އޭނާއަށް މިހާރުދަނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހަވީރު ތިންގަޑިބައި އެހައިކަންހާއިރު އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އައްޑޫގައި ވަނީ ގުރޫޕް މާރާމާރީއެއް ހިންގައިފައެވެ. އެ މާރާމާރީގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލަ ދީ 39 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ. އެމީހާއަށް އިތުރު ފަރުވާދިނުމަށް މިހާރުވަނީ މާލެ ގެނެސްފައެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

އެ މާރާމާރީއާ ގުޅިގެން މާލެއިން އިތުރު ފުލުހުން އައްޑޫއަށް ފޮނުވަންވެސް ފުލުހުން ވަނީ ނިންމައިފައެވެ.