ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދޭން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

މި ފައިސާ ހޭދަކުރާނީ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށް ކަމަށް ވާލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. މިއީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދޭ އެހީ އެކެވެ.

ވޯލްޑް ބޭންކުން އިތުރަށް ހަމަޖެހުނު ފައިސާއާ އެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރު ލިބުނީ އެވެ. އޭގެ ތެރޭގައި، އައިޑީއޭ އިން ދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައިވެ އެވެ.

އިންކަމް ސަޕޯޓް އެލެވަންސްގެ ގޮތުގައި ސަރުކާރުން ދެމުން އަންނަނީ 5000 ރުފިޔާ އެވެ.