ރަތްކަނޑާދިމާއަށް ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ޔަމަަނުގެ ހޫތީން މިސައިލުން ހަމަލާދީ ޓޭންކަރަށް ބޮޑެތި ގެެއްލުން ދީފިއެވެ. ރޭ ދަންވަރު ހޫތީން މިހަމަލާ ދީފައިވަނީ ނޯވޭގެ ވިޔަފާރި ޓޭންކަރަކަށެވެ. އެއީ ކެމިކަލް އުފުލާ ބޯޓެކެވެ.

މިހަމަލާއަށްފަހު ހޫތީން ބުނެފައިވަނީ ރަތްކަނޑު ހުރަސްކޮށް އިޒްރޭލަށް ދަތުރުކުރާ ހުރިހާ ބޯޓަކަށް ހަމަލޭދޭނޭ ކަމަށެވެ. މި ކަމުގައި އެއްވެސް ގައުމަކަށް ބެލުމެއްނެތް ކަމަށް ވެސް ހޫތީން ވަނީ ބުނެފައެވެ.

މިފަދަ ހަމަލާތައް ދިނުން ހުއްޓާލާނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމުގެ މަގު ތަނަސްވަސްކޮށްދީ އެކަމަށް ހުއްދަ ދިނުމުން ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަަމަލާތަކުގެ ރައްދެއް ގޮތުގައި މިހާތަނަށް ހޫތީން ވަނީ ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުން ކޮށްގެން އިޒްރޭލަށް ހަމަލާދީފައެވެ. ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ އުދުވާން ނުހުއްޓާހައި ހިނދަކު އިތުރު ހަމަލާ އިޒްރޭލަށް ދޭނޭ ކަމަށް ވެސް ހޫތީން ބުނެފައިވެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ވަނީ 18،200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.