ވަގުތީ ގޮތުން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ނިިންމަވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ނެރުއްވާފައިވާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަނުކުރައްވާނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި މަސައްކަތްތަކުގައި އުޅުއްވާތާ އެތައް އަހަރުތަކެއް މިހާރުވެފައިވާ ކަަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެތައް ބައެއްގެ އެއްބާރުލުމާއި އެހީ ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއް ގެންނެވުމަށް ކަމަށެވެ. ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ އަދި ރައްޔިތުންގެ ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސިޔާސީ ހަޔާތްޕުޅުގައި އެތައް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިޔާސީ މަސައްކަތުގެ ތެރެއިން ނުހަނު އަނިޔާއާއި ހިތާމަވެރިކަންކަމާއި އެކަނިވެރިކަމާއި ކުރިމަތިލާން ޖެހުނު ކަން ވަނީ ހާމަކުރައްވާފައެވެ. އަދި ޖަލުގެ އަނިޔާ އެތައް ފަހަރެއްގެ މަތިން ތަހައްމަލު ކުރަން ޖެހުނުކަންވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެދުވަސްތަކުގައި އާއިލާއާއި ވަކިން އެތައް ދުވަހަކު އުޅުއްވަން ޖެހުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ މުޅި ޒާތީ ހަޔާތް އެއްކޮށް ބަރުބާދުވެގެން ދިޔަކަމަށާއި، ބޮމުގެ ހަމަލާއިން އެމަނިކުފާނު މަރުގެ ތުންފަތްމައްޗަށް ހުށަހެޅިގެން ދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
2008 ގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރައްވައި އޮކްޓޯބަރު 2008 ގައި ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ.
ޖޫން 2005 ގައި ސިޔާސީ ޕާޓީތައް ހިންގެވުމުގެ ހުއްދަ ދޫކުރުމުން އެ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގެ މަސައްކަތްކުރައްވައި ޕާޓީގެ ޗެއާޕާސަންގެ ގޮތުގައި ވަނީ މަސައްކަތްކުރެއްވާފައެވެ. އޭޭގެ އިތުރުން އެމްޑީޕީގެ ރައީސްކަަން ވެސް ކުރެއްވިއެވެ. އެއްދުވަސްވަރެއްގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވީީ ރާއްޖޭގެ އެންމެ މަގުބޫލް ސިޔާސީ ލީޑަރުގެ ގޮތުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުން އެމަނިކުފާނު ބަލައިގެންފައިވަނީ ޑިމޮކްރަސީއަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމަށް ފަހު ކުރިމަގިވި ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވަކިންނެވެ.
މިހާރު ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީގައި އިސްކޮށް އުޅުއްވުމަށް ފަހު އެމަނިކުފާނު މި ވަނީ ސިޔާސީ މަސައްކަތުން ދުރަށް ޖެހުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ.