އއ. ތޮއްޑޫ އިން އިއްޔެ މާލެ އައި މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ތޮއްޑުއިން ކޮވިޑަށް ޕޮޒިޓިވްވީ އެރަށު ޕްރީސްކޫލްގެ އަންހެން ޓީޗަރެކެވެ. ޕޮޒިޓިވްވިކަން އެނގުނީ މާލެ އައިސް ޑޮކްޓަރަށް ދެއްކިއިރު ނެގި ސާމްޕަލްގެ ނަތީޖާ އިންނެވެ. އެ ޓީޗަރަކީ އޭގެކުރިން މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުވެފައިވާ މީހެއް ނޫނެވެ.

އެހެންކަމުން އެޓީޗަރަށް ބަލި ޖެހުނު ގޮތް އަދި އެނގިފައެއް ނުވެއެވެ.

ތޮއްޑޫ ޕްރީސްކޫލްގެ ބައެއް ޓީޗަރުންނާއި ދަރިވަރުން އެ ޓީޗަރާ ކޮންޓެކްޓް ވެފައިވާތީ އެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

ތޮއްޑޫގެ އިތުރުން މިހާތަނަށް ކަރަންޓީނުގައި އޮތް ރަށްތަކަކީ ގއ. ދެއްވަދޫ، އެއަތޮޅު ދާންދޫ އަދި މ. ކޮޅުފުއްޓެވެ.