ރާއްޖެތެރޭގެ އެކިސާބުތަކަށް މޫސުންގޯސްވެ މިރޭވެސް ވިއްސާރަކުރާނެކަމަށް ލަފާ ކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިރޭ 20:30 ހަަމައަށެވެ. މި ހުދު ސަމާލުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ. ހަމައެއާއެކު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށްވެސް ބުންޏެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެެވެ. އަަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ވިލާގަނޑުގައި ގަދަވާނެ ކަމަށް، މެޓުން ލަފާކުރައްވައެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.