އިލެކްޝަންސް ކޮމިޝަން (އީސީ)ން މި އަންނަ މަހު 13 ވަނަދުވަހު ބޭއްވުމަށް އިއުލާން ކުރި ބާރަ ރަށެއްގެ 13 ގޮނޑިއަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ، އެ 13 ގޮނޑިއަށް މެންބަރުން އިންތިހާބުވެފައިވާކަން އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެގޮތުން އީސީން ވިދާޅުވީ އެ ތޭރަ ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބުކުރީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ކަމަށެވެ. އަދި އެ ތޭރަ ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލާ އެއް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ފަރާތަކުންކަމަށެވެ.

އެގޮތުން ޕީއެންސީގެ މެމްބަރުން އިންތިހާބުވި ގޮނޑިތަކުގެ ތެރޭގައި 11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރު ކަމާއި ވ. ރަކީދޫ ކައުންސިލްގެ މެމްބަރުކަން ހިމެނެއެވެ. އަދި އަމިއްލަ ފަރާތެއް އިންތިހާބު ވެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކަށެވެ.

ހަމައެއާއެކު މިއީ ވެރިކަންކުރާ ޕާޓީއަށް ޕީއެންސީ އައުމަށްފަހު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ އަދަދެއްގެ ގޮނޑިތައް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.