ޒުވާނުންގެ ސިކުޑިތައް ދޮވެލަން ހަރުކަށި މީހުންނަށް ފުރުސަތު ނުދިނުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

މާހްލޫފް މިހެން ވިދާޅުވީ ތ. ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން އައިއެސްއާ ގުޅުންހުރި ބަޔަކު މަސައްކަތް ކުރި ކަމަށް ފުލުހުން އިއްޔެ ބުނުމާ ގުޅިގެންނެވެ.

އެގޮތުން މަހްލޫފް ވިދާޅުވީ ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުދެވޭނެ ކަމަށާއި ޒުވާނުންގެ ސިކުޑިތައް ދޮވެލަން ފުރުސަތު ނުދިނުމަށް ގޮވާލާ ކަމަށެވެ.

"އެއީ ބައެއްގެ ވިޔަފާރި، އަމިއްލަ އެދުމަށް ވަސްވާސްދީ ރާވާ އަދި ކުރުވާ ކަންކަން. އިސްލާމް ދީނަކީ ސުލްހައިގެ ދީން. އެއީ އަނިޔާއާއި ދެކޮޅު ދީން. ލޯތްބާއި ކުލުނުގެ ދީން." މަހްލޫފް ވިދާޅުވިއެވެ.

ގޮއްވާލަން އުޅުނު މައްސަލައިގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ ތިމަރަފުށީ އަސްރަފީވިލާ، އަބްދުﷲ ޝަރީފް، 34، އެވެ. އަމީރުގެ ގޮތުގައި އެންމެ އިސްކޮށް އުޅުނު މީހާގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ، އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ، މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ، އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ، ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ، އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް އަދި އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސްއެވެ.