އައްޑޫ ސިޓީގައި ތަރައްގީ ކުރަމުންދާ ސައުތު ޕާމް ރިސޯޓުގެ ޑައިވިން ދޯނި ފަރަކަށް އަރައިފިއެވެ.

ހަތަރު މީހުންނާއެކު މި ދޯނި އަރައިފައިވަނީ ހިތަދުއަށް ވަންނަން އޮންނަ ނެރުގެ ކަންމައްޗަށް ކަމަށެވެ. މި ދޯނި ފަރަށް އަރައިފައިވަނީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައެވެ.

"ޑައިވިން ކުރަން ގޮސް އެ ސަރަހައްދުގެ އޮއިވަރު ބަލާލަން މީހަކު ބާލަން ފަރާ ކައިރިކުރީ. ވަރަށް ބޮޑަށް ފަރާ ކައިރި ކޮށްފައި މީހާ ފޭބުމުން ފަހަތަށް ޖަހަން އުޅުމުން ގިޔަރު މައްސަލައެއް ދިމާވެ ފަހަތަށް ނުއެއް ޖެހުނު. އެވަގުތު ނެގި ރާޅާއެކު ވަރަށް ބޮޑަށްވަނީ ފަރަށް އަރާފައި،" އެމަންޒަރު ދުށް މީހަކު ބުންޏެވެ.

ޙާދިސާ ހިނގިއިރު އޭގައި ތިބީ ތިން ދިވެހީންނާއި ފަތުރުވެރިއެކެވެ. ޙާދިސާ ހިނގުމާއެކު އެ ރިސޯޓުން ލޯންޗެއް އައިސް ވަނީ ފަތުރުވެރިޔާ ސަލާމަތްތެރި ކަމާއެކު ރިސޯޓަށް ގެންގޮސްފައެވެ. "ފަތުރުވެރިޔާ ބުނި ކަމަށްވަނީ މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ކަމަށް. އޭނާ ހުރީ ހިނިއައިސް މަޖާވެފައި ކަމަށް ވަނީ،" އެ މީހާ ބުންޏެވެ.

ވަށައިގެން ފީފާ ބަނދެގެން ދޯނި ފުންކުރެވޭތޯ ދޯނީގެ މީހުންނާއި ރިސޯޓުގެ އެހެން ބައެއް މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. ދާދި ދެންމެއަކު އެމްއެންޑީއެފްގެ ލޯޗެއްގައި ފަސް ސިފައިންވަނީ އެ ދޯންޏަށް އެހީވުމަށް އެސަރަހައްދަށް ގޮސްފައެވެ.

"ކޯމަސް" ނަމަކަށް ކިޔާ މި ދޯނި ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. އެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނ 9:53 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެހެންނަމަވެސް ދޯނީގެ ތެރެއަށްވަނީ ލޮނުއަރައި ފުރިފައެވެ. އިންޖީން ވެސް ވަނީ ލޮނުގަނޑުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.