ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރާނެ މީހުން ހޯދުމައްޓަކައި އިލެކްޝަން ކޮމިޝަނުން (އީސީ) ޖޮބް ފެއާރ އެއް ބޭއްވުމަށް ނިންމައފިއެވެ.

މި ޖޮބް ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 23 އަދި 24 ގައި ދަރުބާރުގޭގައެވެ. އީސީއިން ވިދާޅުވީ ޖޮބް ފެއަރ ކުރިއަށް ދާނީ އެ ދެ ދުވަހުގެ ވެސް ހެނދުނު 10 ން ރޭގަނޑު 10 ޖަހަންދެން ކަމަށެވެ.

މި ވޯކްއިން އިންޓަވިއު އަށް ވަޑައިގަންނަވާ އިރު އައިޑީ ކާޑާއި ތައުލީމާއި ތަޖުރިބާގެ ލިޔުންތައް ހިފައިގެން އައުމަށް އީސީން އެދިލައްވައެެވެ.

އީސީއިން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރުމަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންނާއި އެސިސްޓެންޓް މެނޭޖަރުންނާއި ސީނިއަރ އޮފިސަރުން ދަނީ ހޯދަމުންނެވެ. އަދި މީޑިއާ އަށް ސީނިއަރ އޮފިސަރުން ހޯދުމަށް ވެސް ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން ސީނިއަރ ފޮޓޯގްރާފަރ އޮފިސަރުންނާއި ގްރެފިކް ޑިޒައިނަރުންފަދަ ފަންނީ މީހުންވެސް ހޯދަމުން ދާކަމަށް އީސީއިން ވިދާޅުވެފައި ވެއެވެ.

އަދި މީގެ އިތުރަށް ވެސް އީސީއިން ދަނީ އެކިކަންކަމުގައި މަސައްކަތް ކުރާ ބޭފުޅުން ހޯދަމުނެނެވެ.