އުތުރަށާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅަށް ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 07:00 އިން މެންދުރުފަހު 13:00 އަށެވެ. އަދި މި ހުދު ސަމާލުގެ ވަގުތު ހަމަވުމުން މެޓުން ވަނީ މިރޭ 19:00 އާ ހަމައަށް ވަގުތު އިތުރު ކޮށްފައެވެ.

މިއަދު ހެނދުނު ނެރުނު ހުދު ސަމާލުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ހަމައެއާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އަދި ވަގުތު އިތުރުކޮށް ނެރެފައިވާ ހުދު ސަމާލުގައި ފަހުން މޫސުމާބެހޭ ގައުމީ އިދާރައިން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށެވެ.

އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގެ އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބު ތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.