ފޭސް ދޭކާއި ފޭސް ތިނެއް އަދި ގުޅީފަޅުން ވެސް ދީފައިވާ ގޯތިތައް ފުށިދިއްގަރު ނުވަތަ ރަސްމާލެއަށް ބަދަލު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލި ނޫހުގެ ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި "ހަލި" ނޫހުގެ ޖާނަލިސްޓް ހުޅުމާލޭ ފޭސެ އެކަކާއި އަދި ދޭކުން އަދި ގުޅީފަޅުން ލިބިފައިވާ ގޯތިތައް ފުށިދިއްގަރަށް ބަދަލު ކުރާ ވާހަކައަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި އެގޮތަށް ކަންބޮޑުވާ ސަބަބަކީ ބައެއް ފަރާތްތަކަށް އަދިވެސް ރެޖިސްޓަރ ނުލިބޭތީ ކަމަށާއި އެހެންކަމުން މިކަންކަމަށް ސައްހަ ތެދު ޖަވާބެއް ދެއްވުމަށް އެދުމުން ޝަހީބު ވިދާޅުވީ އެއްވެސް ގޯއްޗެއް ނުވަތަ ފުލެޓެއް ވިޔަސްފުށިދިއްގަރު ތަރައްގީކޮށްގެން ހަދާ ރަސްމާލެއަކަށް ބަދަލު ނުކުރާނެކަމަށެވެ.

އެއްވެސް ފަރާތަކަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ފުލެޓެއްވިޔަސް އަތުލައްވައި ފުށިދިއްގަރަށް ބަދަލު ނުކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ކަމަށާއި ރަޖިސްޓަރީ ނުލިބި ތިބި ފަރާތްތަކަށް ވަރަށް އަވަހަށް ރަޖިސްޓަރީ ވެސް ލިބގެންދާނެކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.