ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާ ޓީވީން ރިޕޯޓުކުރާ ގޮތުގައި، މި ހަމަލާގައި ނުސެއިރާތު ކޭމްޕުން ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވެއެވެ.

މީގެއިތުރުން ފަލަސްތީނުގެ ނޫސް އެޖެންސީ ވާފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް މީހުން ދިރިއުޅޭ ގެތަކަށް ހަމަލާދީ މިހާރު ބައެއް ރައްޔިތުން ވަނީ ހަލާކުވެފައއިވާ އިމާރާތްތަކުގެ ދަށުގައި ތާށުވެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.