މުޅި ރާއްޖޭގެ މޫސުން ވަރަށް ގޯސްވެ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލުނެރެފިއެވެ.

މެޓުން ބުނީ މި ހުދު ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނޭ ކަމަށް ލަފާކުރައްވާ ކަމަށެވެ.

މި ސަމާލު ނެރެފައިވަނީ މިއަަދު މެންދުރު 13:30 އާ ހަމައަށެވެ.

މީގެއިތުރުން މެޓުން ވަނީ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރަށްވާ ރީނދޫ ސަމާލު ނެރެފައެވެ. އަދި މި ސަމާލުގައި ގުގުރާނޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

މި ރީނދޫ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އަދި މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެނދުރު 13:00 ހަަމައަށެވެ.

މީގެއިތުރުން ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ.

މާލޭގައި އެންމެ ފެންބޮޑުވާ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ރޭ ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.