ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި އެދިފައިވަނީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށެވެ.

އަދި ހަމައެއާއެކު މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް) ވަނީ މި ވިއްސާރައާއި ގުޅިގެން، މުޅި ރާއްޖެއަށް ހުދު ސަމާލުގެ އިތުރުން ރީނދޫ ސަމާލުވެސް ނެރެފައެވެ.

އެގޮތުން މިރޭ 21:30 އާ ހަމައަށް މެޓުން ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި މި ސަމާލުގައި ބޯކޮށްވާރޭ ވެހޭނެ ކަމަށާއި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭ ކަމަށްވެސް މެޓުން ބުނެ ފައިވެއެވެ.

މީގެއިތުރުން ރާއްޖެއަށް ކުރަމުންދާ މި ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ. އެގޮތުން މާލޭގައި އެންމެ ފެންބޮޑުވާ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވިއްސާރާގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.