މި ފެށުނު މީލާދީ އައު އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެދިވަޑައިގަންނަވަނީ ދިވެހީންގެ މެދުގައި ކުލުނާއި ލޯބި އިތުރުކޮށް ދެއްވުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ކުރިމަތީގައި އޮތް އާއަހަރުގައި ދިވެހީންނަށް އުފާވެރިކަމާއި، އިތުރު ކުރިއެރުމާއި، ކާމިޔާބީއާއި، ތަރައްޤީ މިންވަރު ކުރައްވައި، އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި، ކުލުނާއި ލޯބި ދިވެހީންގެ މެދުގައި އިތުރުކޮށްދެއްވާށި،"

ދުނިޔެ އައު އަހަރަކާ ކުރިމަތިލިއިރު މުސްލިމް އުންމަތަށް ދިމާވެފައިވާ އެންމެބޮޑު ހިތާމައަކީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށް މީހުން ޝަހީދުކޮށް ޒަޚަމްކުރަމުންދާ މައްސަލަ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އެއީ ނުހަނު ބޮޑުތަކުލީފާއި، ނިކަމެތިކަން ތަޙައްމަލު ކުރަމުންދާ ފަލަސްޠީނުގެ މުސްލިމުންގެ އަދުގެ ހާލަތު ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގައި މިހާތަނަށް "ޝަހީދުވެ ދިޔަ ކުށެއްނެތް އެތަކެއް ހާސް ފުރާނައެވެ. ގެދޮރުގެއްލި، ހާލުގައިތިބި އެތަކެއް މިލިއަން މުސްލިމުންނެވެ. މަރުވެދިޔަ އެތަކެއް ހާސް ކުޑަކުދީންނެވެ." ގާސިމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ފެށުނު އާއަހަރު ފަލަޞްތީން ގެ މުސްލިމުންގެ މަތީން ހަނދާންކޮށް، ސިޙްޔޫނީންގެ ނުބައިކަމުން ޤުދުސްގެ ބިން ރައްކާތެރިކުރައްވާ، ފަލަސްޠީން ގެ ރައްޔިތުންނަށް އަމާންކަމާ، ކާމިޔާބު މި އަހަރު މިންވަރު ކުރައްވުންއެދި ﷲ ތަޢާލާގެ ޙަޞްރަތުގައި ދުޢާ ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިހަނގުރާމާގައި މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތޫނުގެ އެކާވީސް ހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.