ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހަށްފަހު ބޭއްވައި ދެއްވުމަށް އެދި އެމްޑީޕީން އިލެކްޝަންސްކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.
އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އިންތިޚާބު ބޭއްވުމުގެ ތާރީޚާ މެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ލަފައަކަށް އިލެކްޝަނުން އެދިވަޑައިގެންނެވިކަމަށެވެ. އެފަހަރު ކޮމިޓީން ލަފާދެއްވީ އިންތިޚާބު ރަމަޟާންމަހުގެ ފަހުން ބޭއްވުމަށް ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. ގައުމީލަފާދޭ ކޮމީޓީންވެސް ލަފާދެއްވަފައިވަނީ އެގޮތަށް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެއާ އިދިކޮޅަށް ލަފާ ދެއްވާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
"އެކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން ފިޔަވައި ބައިވެރިވެވަޑައިގެންނެވި ހުރިހާފަރާތްތަކުން ވެސް ސިޔާސީ ޕާޓީތަކުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްފަދަ ކޮމިޝަންތަކާއި ޖަމިއްޔާތަކުންވެސް އެދިވަޑައިގެންފައިވަނީ ރަމަޟާންމަހުގެ ފަހުގެ ތާރީޚެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި ދިނުމަށެވެ." އެސިޓީގައި ވެއެވެ. އެހެންނަމަވެސް އެއާ ޚިލާފަށް ރަމަޟާންމަސްތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންކަމުން އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރަމަޟާން މަފަހަށްފަހު އިންތިޚާބު ބޭއްވުމަށް ގޮވާލާކަމަށް އެމްޑީޕީން އިލެކްޝަނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނޭ ތާރީޚު އަންނަ އާދީއްތަ ދުވަހު އިއުލާން ކުރައްވާނޭ ކަމަށެވެ.