ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ކަނޑުގެ ސަރަހައްދާ ކައިރިން ދަތުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އުޅަދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމުގެ ޚަބަރުތަކެއް ފަތުރަމުންދާތީ އޭގެ ހަގޫގަތް ހާމަކުރުމުގެ ގޮތުންނެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތްކަމަށެވެ.

"މިފަދަ މަޢުލޫމާތެއް، ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރަން،" އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި، އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ޚަބަރަކީ ސައްހަ މައުލޫމާތެއް ނޫންކަމަށް "ބެލެވޭ ވާހަކަ ދަންނަވަން،" އެމްއެންޑީއެފުން ބުނެފައިވެއެވެ.