ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު އެތަނަށް ވަޑައިގެންނެވީ މިއަދުގެ ފަތިސް ނަމާދަށް ފަހު ފަތިސް ވަގުތުގައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް ގާތުން ބައްލަވައި ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް މުޢިއްޒުގެ އެއް ވަޢުދެވެ.

ތާރު އަޅައި ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތަކީ ރައީސް މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަސައްކަތެކެވެ.

މި މަސައްކަތުން ނުނިމިވާ ދެ ސެގުމެންޓުގެ މަސައްކަތް މި ދިޔަ ޑިސެމްބަރު ބަހުގެ 9 ވަނަ ދުވަހު ވަނީ ފަށާފައެވެ. އާރުޑީސީ ގެފަރާތުން މައުލޫމާތުދޭ ގޮތުގައި މޫސުން ރަނގަވެ، ތާވަލާއި އެއްގޮތަށް މަސައްކަތްކުރިއަށް ދާނަމަ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާ އާއްމުނަށް މަގު ހުޅުވާލެވޭނެއެވެ.