ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މުޅިން އަލަށް ގައުމީ ސާލާމުން މިއަދު ކިޔެވުން ފަށައިފިއެވެ.

ޗުއްޓީއަށްފަހު މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން މިއަދުވަނީ ފަށާފައެވެ. ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ ފާއިތުވި ޑިސެމްބަރމަހުގެ 17 ވަނަ ދުވަހުއެވެ. ދެވަނަ ޓާރމްގައި ކިޔަވައިދު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 108 ދުވަހުއެވެ.

މި އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ސެޝަނެއްވެސް ގައުމީ ސަލާމުން ފަށަގޮތަށް ރައީސް މުއިއްޒު ހަމަޖެއްސެވީ ފާއިތުވެދިޔަ ޑިސެމްބަރުމަހުއެވެ. މިކަން ހަމަކުރީ، ޑިސެމްބަރު 5 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ޑިސެމްބަރުގައި ސްކޫލްތައް ބަންދުވުމަށްފަހު އާ ޓާމަށް ފަށާއިރު، ހުރިހާ ސްކޫލެއްގެވެސް ދުވަހުގެ ސެޝަންތައް ފަށާނީ ގައުމީ ސަލާމުންކަމުގައެވެ.

އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވައުދަކީ، ގައުމިއްޔަތު ދިރާވާ އާލާ ކުރުން، އެހެންވީމަ އެގޮތުން ތުއްތު ކުދިން، ސްކޫލް ކުދިން، ސްކޫލްތަކުގައި އަށަގަންނަ ގައުމީ ލަވަ ދެކެ، ގައުމީ ދިދަ ދެކެ ލޯބި ޖައްސާ އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކު، ކޮންމެ ސްކޫލެއްގައި ސްކޫލް ފަށާނީ ގައުމީ ސަލާން ކިޔައިގެން.ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ސަލާމް ކިޔާނީ ކޮންމެ ސެޝަނެއްވެސް ފެށުމަށް ބާއްވާ އެސެމްބްލީގައި ކަމުގައެވެ.