ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ސައުވީސް ގަޑިއިރުގެ ހިދުމަތް ލިބޭނޭ ހެލްޕްލައިނެއް ގާއިމު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގެ މައްސަލައަކީ މުޖުތަމައުގައި ހާއްސަަ ފަރުވާއެއް ހާއްސަ ސަމާލުކަމެއް އަދި ހާއްސަ އަޅާލުމެއް ދޭން ޖެހިފައިވާ އަދި އެއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ކަމެއް ދީފައިވާ ސިޔާސަތަކަށް ވުމާއެކު ސައުވީސްގަޑިއިރުގެ ހިދުމަތް ދޭނެ ހެލްޕްލައިނެއް ގާއިމު ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ހެލްތުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ މިކަމަށް ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
ވަށާޖެހޭ ހައްލެއް ގެނައުމުގެ ގޮތުން މި ހެލްޕްލައިނަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރަށް، ސަލާމަތީ ހުރިހާ ޚިދުމަތްތަކެއް އެއް ނަންބަރަކުން ލިބިދޭ ގޮތަށް ކަނޑައެޅުމާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ގުޅޭނެ ހެލްޕް ލައިނެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ހަމަޖައްސާފައިވާތީ ބަދަލުތައް ގެނެސް، އަލުން ވަޒީރުންގެ މަޖީލީހަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި ކަމަށް ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.