ހުޅުމާލޭގައި "އާބަން އެއިލް" ތަރައްގީކުރާ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނުގައި ކޮމާޝަލް ބޮޑު ސަރަހައްދެއް ކަމަށްވާ "ކޮމާޝަލް ސްޕައިން" ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.

ޗައިނާއާއެކު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދެވެ.

ކޮމާޝަލް ސަރަހައްދެއް ތަރައްގީ ކުރުމުގެ މި އެއްބަސްވުމުގެ ދަށުން "ކޮމާޝަލް ސްޕައިން"ގައި ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާނެ 7 އިމާރާތެއް ބިނާކުރެވޭނެއެވެ.

އާރބަން އެއިލް ތަރައްގީ ކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ގުޅިފައި އޮންނަ ގޮތަށެވެ. މި ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ނުކޮށް ގުޅިފައި އޮންނަ ގޮތަށް ފަރުމާ ކޮށްފައި ވަނީ އޭގެ ފައިދާ ބޮޑުވާނެތީއެވެ. ސަބަބަކީ ފަތުރުވެރިކަން އިތުރަށް ކުރިއަށްގެންދެވޭނެތީއެވެ. އަދި ދުރު ރަށްރަށުގައި މަސައްކަތްކުރަން ނުޖެހޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ވަޒީފާގެ ފުރުސަތު ފަހިވާނެތީއެވެ.

ވިޔަފާރީގެ ކަންކަމަށް ހާއްސަކޮށްގެން، "ކޮމާޝަލް ސްޕައިން" ގެ ނަމުން ނަން ދީފައިވާ ހަތް އިމާރާތެއް ތަރައްގީ ކުރަން ނިންމާފައި ވަނީ ގުޅިފައި ހުންނާނެ ގޮތަކަށެވެ. މި ސަރަހައްދަށް "ކޮމާޝަލް ސްޕައިން"ގެ ނަމުން ނަންދީފައިވާ ސަބަބުކަމަށް އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބިނާކުރާ އިމާރާތްތައް އެއް އިމާރާތް އަނެއް އިމާރާތާ ލާމެހިފައިވުމާއި، އިމާރާތްތަކުގައި ހިންގަން ނިންމާފައިވާ ހަރަކާތްތައް ގުޅިފައި ހުންނާނެތީއެވެ. އަދި މި އިމާރާތްތައް ފަރުމާކޮށްފައި ހުންނާނީ ވިޔަފާރި ހަރަކާތްތައް ހިންގަމުންދާއިރު ކަސްޓަމަރުންނަށް ނުވަތަ ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް އިމާރާތުން އަނެއް އިމާރާތަށް ފަސޭހައިން ދެވޭނެ ގޮތަށެވެ.

ކޮމާޝަލް ސްޕައިން ގެ 7 އިމާރާތުގެ ތެރެއިން 6 އިމާރާތަކީ ވިޔަފާރީގެ ކަންކަމަށް ހާއްސަކުރަން ނިންމާފައިވާއިރު، އަނެއް އެއް އިމާރާތް ބޭނުން ކުރެވޭނީ އެ 6 އިމާރާތުގައި ހިނގާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށެވެ. "ކޮމާޝަލް ސްޕައިން"ގައި ރީޓެއިލް ވިޔަފާރިއާއި ވެލްނެސް ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ އިންތިޒާމުތަކާއި ބޭންކިން ފަދަ އިތުރު ހިދުމަތްތައް ގާއިމުކުރެވޭނެއެވެ. މިތަން ބިނާ ކުރަން ނިންމާފައިވަނީ ތިނެއް ނުވަތަ ހަތަރު ފަންގިފިލާއަކަށް ބެހިގެންވާ ގޮތަށެވެ.

ކޮމާޝަލް ސްޕައިނުގައި ޤާއިމުކުރާ އިމާރާތްތައްވާނީ ރާއްޖޭގެ ފަހުގެ ތާރީހުގައި އާކިޓެކްޗާގެ ގޮތުން އެންމެ ތަފާތު ފަރުމާތަކަށް ބިނާކުރާ އިމާރާތްތަކަށް މި ކޮމާޝަލް ސްޕައިނުގެ އިމާރާތްތައް ވެގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަައެވެ. މި އިމާރާތްތައް ބިނާކުރުމުގެ އިތުރަށް އެ އިމާރާތްތައް އޮޕަރޭޝަނަލް ލެވެލްއަށް ގެނައުމާއި، މުޅި ސަރަހައްދު ހިންގަން ފެށޭ މިންވަރަށް މަސައްކަތްކުރުންވެސް މި ވެވުނު އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

50 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ހަވާލުކުރާނީ ދެއަހަރު ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫއު ނިމޭއިރު، 290،000 އަކަފޫޓު ހުންނަ މި ސަރަހައްދު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ގާއިމު ކުރެވިގެނދާ އެންމެ ބޮޑު ވިޔަފާރި ސަރަހައްދަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.