ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރު ވެގެންދާނެ ކަމަށާއި ހާއްސަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި ރައީސް ވަނީ މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ޤައުމުގެ ސަރުކާރާއި އަދި ދެ ޤައުމު ހިއްސާވާ ވިޔަފާރިތަކާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި މި ފޯރަމުގައިވެސް ދިވެހިރާއްޖެއާއި ޗައިނާގެ ގިނަ ވިޔަފާރިތަކެއް ތަމްސީލު ވެގެންދާކަމަށްޓަކައި ނުހަނު އުފާފުޅުވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވަނީ ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ވެސް ފާހަގަކުރައްވާފައެވެ.