ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ.

އެ މައްސަލައިގައި އަދުރޭގެ މައްޗަށް ކޮށްފައިވަނީ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިއެއްޗެހިކީ މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.