ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ސަޕޯޓަރުން އާދީއްތަދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކުރަން ރާވާފައިވާތީ، ރަޝިޔާ ފުލުހުން ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނުކުންނަން ރާވާފައިވަނީ، މިހާރު ޖަލުގައި ހުރި އެމީހުންގެ ލީޑަރު އެލެކްސީ ނަވަލްނީ މިނިވަން ކުރުމަށް ގޮވާލުމަށެވެ.

އުމުރުފުޅުން 44 އަހަރުގެ އެލެކްސީ ނަވަލްނީއަކީ ރަޝިޔާގެ ހަމައެކަނި އިދިކޮޅު ލީޑަރެވެ. އަދި އޭނާއަކީ ރަޝިޔާގެ މިހާރުގެ ރައީސް ޕޫޓިންގެ ސިޔާސަތުތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ.

ޖަރުމަނުގައި ހުންނަވާފައި އިދިކޮޅު ލީޑަރު ނަވަލްނީ ޖެނުއަރީ 17 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަތުމުން އެއަރޕޯޓުން ހައްޔަރުކޮށްގެން ގެންގޮސް މިހާރު ހުންނެވީ ޖަލުގައެވެ.

ނަވަލްނީ ހައްޔަރު ކުރުމުން ރަޝިޔާގެ 100 އެއްހާ ސިޓީގެ މަގުތަކަށް އޭނާގެ ސަޕޯޓަރުން ނުކުމެ މުޒާހަރާ ކޮށްފައި ވެއެވެ.

އެކަމުގެ ތެރޭގައި ފުލުހުން 4،000 އަށްވުރެ ގިނަމީހުން ހައްޔަރު ކޮށްފައިވާއިރު، ފުލުހުންވަނީ ނަވަލްނީގެ ގާތް ބޭފުޅުންގެ އިތުރުން، އިދިކޮޅު ހަބަރުތައް ކަވަރުކުރާ ނޫސްވެރިންވެސް ހައްޔަރު ކޮށްފައެވެ.

ވެރިރަށް މޮސްކޯގެ މަގުތަކަށް އާދީއްތަދުވަހު ނުކުންނާނެކަން އިދިކޮޅު ސަޕޯޓަރުން އިއުލާން ކުރުމުން، ފުލުހުން މިހާރު ރާވާފައިވަނީ، އެމީހުން އެއްވާނެ ކަމަށް ބެލެވޭ މޮސްކޯގެ މެދުތެރޭ ލުބިޔަންކާ މައިދާނަށް އެ ގަޑީގައި މީހުން ވަނަނުދީ ބަންދުކުރުމަށެވެ.

މޮސްކޯ ސިޓީ ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވަނީ، ލުބިޔަންކާއިން ފެށިގެން ރެޑް ސްކޮޔަރއާ ހަމައަށް، މޮސްކޯގެ މެދުތެރޭގެ ބޮޑުބައެއް އާދީއްތަދުވަހު އާންމުންނަށް ބަންދުވާނޭ ކަމަށެވެ.

އަދި އެހިސާބުގެ 7 ސަބްވޭ ސްޓޭޝަނާއި، އެ ހިސާބުގައި ހުންނަ ހުރިހާ ރެސްޓޯރަންޓްތައްވެސް އާދީއްތަ ދުވަހު ބަންދުވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރަޝިޔާގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު އައިރީނާ ވޮލްކްވަނީ، ކޮވިޑް-19 ބަލިމަޑުކަން ރަޝިޔާގައި އިތުރުވަމުންދާކަމުގެ އިންޒާރު ކުރައްވާފައެވެ. މިހާރު ނެރެފައިވާ ގައިޑްލައިންތަކާ ޚިލާފްވެ މުޒާހަރާއަށް ނުކުންނަ މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނޭ ކަމަށްވެސް އައިރީނާ އިންޒާރު ކުރައްވާފައި ވެއެވެ.