މިދިޔަ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްކޮށް، "އަރބަންކޯ" ގެ ނަމަށްކުރި ބަދަލުގެ ބޭނުންކުރުން ހުއްޓާލައި އަލުން އެ ކޯޕަރޭޝަނުގެ ގާނޫނީ ނަން (އެޗްޑީސީ) ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ އަރބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާ ކަމަށާއި. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން ދަށުން 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރިއެވެ.އަދި އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

.އެޗްޑީސީން އިތުރަށް ވިދާޅުވީ އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށެވެ. މިކަން ހާސިލް ކުރުމަށް މިކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އެ ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމަށްވެސް އެ ކޯޕަރާޝަނުން ވިދާޅުވެފައިވެއެވެ.