މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ހއ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓްގެ މަސައްކަތް ހިނގަމުންދާ ގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ.

ވަޒީރު މާރިޔާ ގެންދަވަނީ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ދަތުރެއް ކުރައްވަމުންނެވެ. އެކަމަނާގެ މި ޒިޔާރަތުގައި ވަޑައިގެންނެވި އެއް ރަށަކީ ދިއްދޫއެވެ. ދިއްދޫގައި އަޅާ ޓެކްނިކަލް އިންސްޓިޓިއުޓްއަކީ މެއި 2022 ގައި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތެކެވެ.

މިއީ އެ ސަރަހައްދުގައި އަޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ. މި އިމާރާތް 30،000 އަކަ ފޫޓުގެ ޖާގައިގެ ތަނެއްގައި އަޅާ އިރު، މި އިންސްޓިޓިއުޓްގައި ކިޔަވައިދޭ ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.

މި ތަނުގައި ފުޑް ޕްރޮސެސިން ލެބަކާއި ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސާ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމަކާއި އެހެނިހެން ތަންތަން ވެސް ހުރެއެވެ.