ދާދި ފަހުން ވިއްކާލި ކޮލޮރާޑޯގެ ގެއެއްގެ އައިސް އަލަމާރިން އިންސާނެއްގެ ބޮލާއި އަތް ފެނުނު މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހޯދުން ފެނިފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހު ގްރޭންޑް ޖަންކްޝަންގެ ގެއަކުން ކަމަށް މެސާ ކައުންޓީ ޝެރިފް އޮފީހުން ބުނެއެވެ. ފުލުހުންނަށް މިމައްސަލަ ހުށައަޅައިފައި ވަނީ މެނދުރު 2:30 ގައެވެ.

އެގޭތެރެއިން އިންސާނެއްގެ ގުނަވަންތަށް ފެނިފައިވަނީ އެތަން ސާފުކުރަން ގޮސް އުޅުނު ބަޔަކަށް ކަމަށް ޝެރިފްގެ އޮފީހުން މައުލޫމާތު ދެއެވެ. މެސާ ކައުންޓީ ކޮރޮނާ އޮފީހުން މި ހަފްތާގައި ކުރި އޮޓޮޕްސީއަކުން ކަށަވަރުވެފައިވާ ގޮތުގައި އެގޭތެރެއިން ފެނުނީ އިންސާނެއްގެ ބޮލާއި އަތެވެ.

'މިވަގުތު އިތުރު ޓެސްޓްތައް ނިމެންދެން އަޅުގަނޑުމެންނަށް އިތުރު ޖަވބެއް ދެވޭކަށް ނެތް. މި ބާވަތުގެ ޓެސްޓްތަކަށް ގިނަ ވަގުތު ނަގާނެ، މި ތަހުގީގު ކުރިއަށްދާއިރު އާންމުންގެ ކެތްތެރިކަމަށް އެދެމެވެ.' ޝެރިފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

މީގެއިތުރުން ޝެރިފްގެ އޮފީހުން ބުނެފައިވަނީ މަރާލައިފައިވަނީ ކާކުކަން އަދި ނޭނގޭ ކަމަށާއި، ޓެސްޓުތަށް ހަދާ ނިމުމުން އެކަން ދެނެގަނެވޭނެ ކަމަށެވެ.