ދިހަ ހާސް މެންބަރުން ހަމަވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރު އެންމެގިނަ ފައިސާ ލިބެނީ އެމްޑީޕީއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އީސީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީއަށް 15 މިލިއަން ރުފިޔާ ލިބެ އެވެ. ދެ ވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ ޕީޕީއެމަށެވެ. އެޕާޓީއަށް 10.5 މިލިއަން ރުފިޔާ ލިބެ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓަށް އަލަށް އިތުރުވެފައިވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއެވެ. އެ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ލިބޭނެ އެވެ. އީސީން ވިދާޅުވެފައިވަނީ އެ ޕާޓީގައި މިދިޔަ އަހަރު ނިމުނުއިރު 28,000 އަށްވުރެ ގިނަ މެންބަރުން ތިއްބެވެ.

މީގެއިތުރުން އެ އިލެކްޝަނުން އާންމުކޮށްފައިވާ ގޮތުގައި 18,000 މެންބަރުން ތިބި ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އަދި މިދިޔަ އަހަރު ނިމުނުއިރު ބަޖެޓު ފާސްކުރިއިރު 10,000 މެންބަރުން ތިބި ދެ ޕާޓީއެއްގައި އެ އަދަދު ހަމަނުވަނީ އެމްޑީއޭއާއި އަދާލަތު ޕާޓީ އެވެ. މި ދެ ޕާޓީއަށްވެސް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ލިބެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ.