ދާދިފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު އަހުމަދު ރިޝްވާން ޕީއެންސީއަށް ސޮއި ކޮށްފިއެވެ.

އިއްޔެ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ރިޝްވާންގެ ފޯމް ވަނީ ޑރ. މުއިއްޒުއާ ހަވާލުކުރައްވާފައެވެ.

ރިޝްވާން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު މާލޭ ސިޓީ ކައުންސިލްގެ 19 މެމްބަރުންގެ ތެރެއިން 13 މެމްބަރުންނާއެކު ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް އޮންނާނީ ސަރުކާރަށެވެ.

ބައި އިލެކްޝަންގައި ތިން ދާއިރާއާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ވޯޓް ވަނީ ލާފައެވެ. ތިން ދާއިރާގެ ތެރެއިން ދެ ދާއިރާ ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީންނެވެ. މާލޭ ސިޓީ މޭޔަރުގެ ގޮނޑި ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

އިންތިހާބުވެ ވަޑައިގަތް ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރޭ ދަރުބާރު ގޭގައެވެ.